ރަސްމާލެ މަޝްރޫއާ ގުޅިގެން ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކާ ގުޅިގެން އެމަނިކުފާނު ވެސް އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން ވެސް ރިޝްވަތުގެ ފައިސާ ނުނަންގަވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ނަޒާހަތްތެރިކަމާ އެކު، ދެފުށް ފެންނަ ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ކޮރަޕްޝަނުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ ގައުމުގައި ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި، ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ތަފާތު އެކި ދޮގު ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާއިރު، އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނު އިސްވެ އުފައްދަވާފައިވާ ޕާޓީގެ އިސްވެރިންކަން ފާހަގަކުރެވެއެވެ.



