ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ފަންނީ އިންވެސްޓިގޭޓަރުން މަދުވުމުގެ ސަބަބުން ދިމާވެފައިވާ ހުސްކަން ފުރާލުމަށް، އެމްކިއުއޭ އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.
އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ތައްޔިބު ވިދާޅުވި ގޮތުގައި، މި ކޯހަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު ގާބިލު އިންވެސްޓިގޭޓަރުންގެ އައު ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.
މި ޑިޕްލޮމާ ޕްރޮގްރާމްގެ ދަށުން ތަހުގީގީ ސުލޫކީ މިންގަނޑުތަކާއި، ކޭސް މެނޭޖްމަންޓާއި، ގާނޫނީ ގޮތުން ހެކި ހޯދައި ރައްކާތެރިކުރުމާއި، ޑިޖިޓަލް އަދި މާލީ ފޮރެންސިކްސްގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު ތަހުލީލުކުރުމުގެ ފަންނީ ހުނަރުތައް އުނގަންނައިދެވޭނެއެވެ.
މިއީ އޭސީސީގެ މުވައްޒަފުންނާއި، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ފަންނީ ގާބިލުކަން އިތުރުކޮށް، ނަޒާހަތްތެރިކަން އަށަގަންނުވުމަށް އެމްނާކާއިން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.




