ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް (އެސެޓް ރިކަވަރީ) އެކުލަވާލާފައިވާ ބިލުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުން ކަމަށާއި، ކުރީ ސަރުކާރުތަކުން އެ ނަމުގައި ކުރީ ސިޔާސީ މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީގެ ނަމުގައި މީގެ ކުރީ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ސިފަވެގެން ދިޔައީ ސިޔާސީ މަގްސަދެއްގައި، ވަކި ބަޔަކު ސިޔާސީ ގޮތުން މައިތިރި ކުރުމަށް ކުރި ކަންކަމުގެ ގޮތުގައި ކަމަށާއި، އޭގެ އެދެވޭ ނަތީޖާއެއް ނުފެނުނީ އެ ސަބަބާހުރެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ނިޒާމީ ގޮތުން މިކަން ހަރުދަނާ ކުރުމަށްޓަކައި މިހާރު ހުރި ގާނޫނުތަކުން ލިބޭ އިހްތިޔާރުތަކާއި ބާރުތަކަށް ވުރެ ފުރިހަމައަށް މި މަސައްކަތް ކުރުމަށްޓަކައި، އެސެޓް ރިކަވަރީއާ ބެހޭ ހާއްސަ ގާނޫނަކާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލަވާލައި މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ކޮރަޕްޝަން ނައްތާލުމަކީ އެއް ދުވަހުން ވާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ކޮންމެ ގައުމެއްގައި ވެސް ވަރަށް ބޮޑަށް މޫލާފައި އޮންނަ މައްސަލައެއް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މިކަމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ވީހާވެސް ބޮޑަށް ކުޑަކޮށް ނައްތާލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލާއި، ނަހަމަ ގޮތުގައި ނުވަތަ ގަވާއިދާ ހިލާފަށް ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ހަރުދަނާ ގޮތްތަކެއް އޮންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަން ހާސިލުކުރުމަށްޓަކައި ގެންނަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، އެ ގާނޫނުތައް ތަންފީޒުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.









