ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، 2022 އާއި 2023 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ޕްރޮމޯޝަން ދިނުމާއި، އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރީ 56 މެންބަރުންގެ ތާއީދާއެކުގައެވެ.
މި ނިންމުމަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުވުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުންގެ އަދަދު ވަނީ މަތިވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނީގައި 3,523 މުވައްޒަފުން ވަޒީފާ އަދާކުރަމުންދިޔައިރު، އޭގެ ފަހުން އަހަރުން އަހަރަށް އަލަށް ވެއްދި ދާއިމީ މުވައްޒަފުންނާއި، ޚާއްޞަ މަޝްރޫޢުތަކަށް ކޮންޓްރެކްޓް އުސޫލުން ބޭނުންކުރި މުވައްޒަފުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މީގެ ސަބަބުން ކުންފުނީގެ އާމްދަނީން މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ 23 އިންސައްތައިން 36 އިންސައްތައަށް އުފުލި، ކުންފުނީގެ މާލީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މީގެ އިތުރުން، ފެނަކައިން ހިންގި ބައެއް މަޝްރޫޢުތައް މެދުކެނޑުމާ ގުޅިގެން، އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންނަށްވެސް މުސާރައާއި އިނާޔަތްތައް ދެމުން ގޮސްފައިވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ. މިފަދަ ހިންގުމުގެ އުސޫލުތަކުގެ ސަބަބުން ކުންފުނި 3.8 ބިލިއަނަށްވުރެ ގިނަ ރުފިޔާއިން ދަރަނިވެރިވެ، އަމިއްލަ ކުދި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައިވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިފަދަ މާލީ ބުރަތަކުން ކުންފުނި ސަލާމަތްކޮށް، މުވައްޒަފުންނަށް ދެވޭ އިނާޔަތްތަކަކީ ހަމަހަމަ އަދި ދެމެހެއްޓެނިވި އުސޫލެއްގެ ދަށުން ދެވޭ އެއްޗަކަށް ހެދުމަށެވެ.









