މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންނާ ހިއްސާކޮށްފައި ނުވާތީ، ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންގެ ހިދުމަތާ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ސަރަހައްދަކަށް އެއްނުވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީގެ ޓްރެފިކަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީ، އެއްވެސް ފަރާތަކަށް އުނދަގޫ ނުވާނޭހެން އިންތިޒާމުތައް ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި އެއްވުމުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެކަމެއް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.





