ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ވަންދެން ހިފަހައްޓައި އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރި މައްސަލައެއްގައި ގއ. މާމެންދޫ، އިފްހާމް އަހުމަދު (19 އަހަރު) 20 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުން އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ދިނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއެވެ. ކޯޓުން މިގޮތަށް ނިންމީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގެންފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލާގައި އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ހެކިންގެ ބަޔާންތަކުގެ އިތުރުން އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކޯ ލީގަލް ރިޕޯޓާއި، ލިބުނު އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓު އަދި ސީސީޓީވީ ފޫޓޭޖުތަކުގެ ސްނެޕްޝޮޓްތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ. މިއީ އޭނާ ކުރި ކަންތައްތައް ސާބިތުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ހުށަހެޅި މުހިންމު ހެކިތަކެކެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އިފްހާމް ކެފޭ ތެރޭގައި ބަޔަކު ހިފަހައްޓައި، އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފިނަމަ ބިއްލޫރިފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދެއްކިއެވެ. އަދި ތިން ގަޑިއިރު ވަންދެން މީހުން ހިފަހައްޓައިގެން ހުރިއިރު، އަނިޔާ ލިބުނު ފަރާތްތަކުގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް ފުލުހުން ކޯޓުގައި ބުންޏެވެ.






