ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ނުވަތަ ޒިޔާރަތްކުރާ ފަތުރުވެރިއަކަށްވިޔަސް، އެއް ފެންވަރެއްގެ ޕްރޮފެޝަނަލް އަދި އޯގާތެރި ފުލުހުންގެ ހިދުމަތެއް ލިބުމަކީ ކަށަވަރުވާންޖެހޭ އަސާސީ ހައްގެއް ކަމަށާއި، ގައުމުގެ ޖިއޮގްރަފީގެ ތަފާތަކީ ހިދުމަތުގެ ފެންވަރު ކަނޑައަޅާ އަސާސަކަށް ވެގެން ނުވާނެ ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަތީފް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ކުރިއަށްދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ކިތަންމެ އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި ވިޔަސް، ފުރަމާލޭގައި ދިރިއުޅޭ ރައްޔިތެކޭ އެއްފަދައިން ފުރިހަމަ އިހުތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ހިދުމަތް ހައްގުވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށްވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެކަން އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއްކަން ބަޔާންކުރައްވަމުން، ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ އާއިލާއަކަށް އެހީތެރިވާ ވަގުތު އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނާއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމައާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ވިދާޅުވެ، ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ތިން މަރުހަލާގެ ކޮމިއުނިޓީ މޮޑެލްގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށާއި، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށް އޮފިސަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ އިސްނެންގެވުމަށް ބާއްވަމުންދާ ކޮންފަރެންސެކެވެ.





