ކުށްމަދުކުރުމަށް ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމުގެ ބަދަލުގައި، މިއަދުގެ ފުލުހުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރުން" އަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލުމަށްޓަކައި "ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިންގ ސޭފަރ ކޮމިއުނިޓީސް ޓުގެދަރ" ގެ ޝިއާރުގެ ދަށުން ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ތަހުގީގު ކުރުމަށް ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ދެނެގަނެ، "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ގެ މައްޗަށް ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ގާބިލު ފުލުހެއްގެ ކިބައިގައި އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަން އަދި ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މަހާސިންތާއިން ލިބޭ ދިރާސީ ހޯދުންތަކަކީ ފުލުހުންގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސަށް ވެގެންދާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.




