މާލެއާއި ހުޅުމާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސް މަގުމަތީގެ އަމާންކަމަށް އުއްމީދީ ބަދަލުތަކެއް އަންނަން ފަށާފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގެ ނަތީޖާ ރަނގަޅުވަމުންދަނީ ފުލުހުންގެ ފާރަވެރިކަން އިތުރުވުމުގެ އިތުރުން، ގަވާއިދުތަކަށް ބޯލެނބުމުގައި އާންމު ރައްޔިތުން ދައްކަމުންދާ ފަރުދީ ޒިންމާދާރުކަމުގެ ސަބަބުންނެވެ.
ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލޭގައި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36.8 އިންސައްތަ މަދުކުރެވިފައެވެ. އެގޮތުން އޮޕަރޭޝަންގެ ކުރިން 117 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، އޮޕަރޭޝަން ފެށިފަހުން އެ އަދަދު ވަނީ 74 އަށް ދަށްކުރެވިފައެވެ. ހަމައެއާއެކު، މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން އެކްސިޑެންޓްތަކުގެ އަދަދު 128 އިން 106 އަށް ދަށްވެ، 17.2 އިންސައްތައިގެ ހެޔޮ ބަދަލެއް ވަނީ އައިސްފައެވެ.
ފުލުހުންގެ އަމާޒަކީ ހަމައެކަނި ޖޫރިމަނާކުރުމާއި އުޅަނދު ޓޯކުރުން ނޫންކަން ފާހަގަކުރައްވައި، ނުރައްކާތެރި ހާލަތްތައް މެދުވެރިވުމުގެ ކުރިން އެކަންކަން ހުއްޓުވުމަށް އިސްކަންދޭކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން ހުޅުމާލޭގައި ޗެކްކުރެވުނު 3,151 އުޅަނދުގެ ތެރެއިން 808 ފަރާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ވަނީ ނަސޭހަތްތެރިވެ ވިސްނައިދީފައެވެ. ނަމަވެސް، ނުރައްކާތެރިކޮށް ދުއްވި އުޅަނދުތަކަށާއި ލައިސަންސް ނެތި ދުއްވި ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި، ގަވާއިދާ ހިލާފުވި 145 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އަދި މާލޭގައިވެސް ބާރަށް ދުއްވުމާއި ގަވާއިދާ ހިލާފަށް ޕާކުކުރުން ފަދަ ކަންކަމަށް ފިޔަވަޅު އަޅައި، ބާރަށް ދުއްވި 23 ފަރާތެއްގެ މައުލޫމާތު އެފަރާތްތައް ވަޒީފާ އަދާކުރާ މުއައްސަސާތަކާވެސް ވަނީ ހިއްސާކޮށްފައެވެ.
މަގުމަތީގެ ސަލާމަތަކީ އެންމެންގެ ފުރާނައާ ގުޅިފައިވާ ކަމަކަށްވާތީ، މިއަދު ފެންނަމުންދާ އުއްމީދީ ބަދަލު ދެމެހެއްޓޭނީ ރައްޔިތުންނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް ފުލުހުން ބުނެއެވެ. ފަރުވާކުޑަކޮށްލެވޭ ކުޑަކުޑަ ވަގުތުކޮޅަކުން މުޅި އުމުރަށް ހިތާމަކުރަންޖެހޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެތީ، ދުއްވާ ފަރާތްތަކުންނާއި ހިނގާބިނގާވާ ފަރާތްތަކުން މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަ ދެމެހެއްޓުމަށް ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.






