ނުވަ މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 159 މައްސަލައެއް ރިޕޯޓުކޮށް، ފުލުހުން ސަތޭކައިން ގުނާލެވޭ އަދަދަކަށް ޖިންސީ ކުށްތައް ރެކޯޑުކޮށްފައިވާއިރު، އިޖުތިމާއީ ތަޢައްޞުބާއި އާންމުންގެ ފާޑުކިޔުންތަކަކީ މައްސަލަތައް ރިޕޯޓުކުރުމަށާއި އިންސާފު ހޯދުމަށް އޮތް ބޮޑު ހުރަހެކެވެ.
ޖިންސީ ގޯނާއެއް ނުވަތަ ރޭޕްގެ މައްސަލައެއް މީހަކު ރިޕޯޓުކުރުމުން އެންމެ ފުރަތަމަ ލިބޭ ރައްދުތަކަކީ އެ މީހަކަށް އެހީތެރިކަން ހޯދުމަށް ރައްކާތެރި މާހައުލެއް ލިބޭނެތޯ ނުވަތަ އިތުރަށް ހިމޭންވާން މަޖުބޫރުވާނެތޯ ކަނޑައަޅައިދޭ އެންމެ މުހިންމު ކަންތަކެވެ.
ދިވެހިރާއްޖޭގައި ޖިންސީ އަނިޔާގެ ވާހަކަތައް ދެކެވޭއިރު، އަނިޔާކުރި މީހާގެ އަމަލުތަކުގެ މައްޗަށް ވާހަކަދެއްކުމުގެ ބަދަލުގައި، ގިނަ ފަހަރަށް ސަމާލުކަން އެނބުރެނީ އަނިޔާ ލިބުނު މީހާގެ އުޅުމާއި އަހްލާގަށެވެ. އެ މީހަކު ލައިގެން ހުރި އަންނައުނާއި، ދިޔަ ތަނާއި، މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ނުވަތަ ވަކި މީހަކާއެކު އުޅުނީ ކީއްވެގެންތޯ ކުރެވޭ ސުވާލުތަކުގެ ސަބަބުން، އަސްލު މައްސަލަ ކަމަށްވާ "ޖިންސީ އަނިޔާއަކީ އެކަން ކުރި މީހެއްގެ ފުރިހަމަ ޒިންމާއެއް" ކަން އޮޅިގެންދެއެވެ.
އަނިޔާ ލިބޭ މީހާއަށް ފާޑުކިޔުމުގެ (ވިކްޓިމް ބްލޭމް) ނުބައި އާދައިގެ ސަބަބުން ނަފްސާނީ ގޮތުން ލިބޭ އަނިޔާގެ އިތުރުން، މައްސަލަތައް ރިޕޯޓުކުރުމަށް ފަސްޖެހި، އިތުރު ފަޟީހަތްތަކާ ކުރިމަތިލާންޖެހި، އަދި އިންސާފާއި އެހީތެރިކަން ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
މި މައްސަލަ އެންމެ ނުރައްކާތެރި ވަނީ ކުޑަކުދިންނަށް ކުރާ ގޯނާތަކުގައެވެ. ކުޑަކުއްޖެއްގެ އުޅުމާއި، އަންނައުނާއި، ސޯޝަލް މީޑިއާގެ ހަރަކާތްތަކާއި ނުވަތަ ބޮޑު މީހަކާއެކު އޮންނަ ގުޅުމަކީ އެ ކުއްޖާއަށް ކުރާ ޖިންސީ ގޯނާ ދިފާއުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ. ނަމަވެސް، ކުދިންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި، އެކުދިންގެ އުޅުމަށް ބަލައި އިނގިލި ދިއްކުރުމުގެ އާދަ އަދިވެސް މުޖުތަމައު ތެރޭގައި އެބައޮތެވެ.
އަނިޔާ ލިބޭ މީހުންނަށް އިނގިލި ދިއްކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫން
ދިވެހިރާއްޖޭގައި މީގެ ކުރިން ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އާންމުން ދީފައިވާ ރައްދުތަކުން، އަނިޔާ ލިބޭ މީހުންނާމެދު މުޖުތަމައުގައި އަށަގަނެފައިވާ ނުރައްކާތެރި ވިސްނުންތައް ވަނީ ހާމަވެފައެވެ.
2017 ވަނަ އަހަރު "މޯލްޑިވްސް އިންޑިޕެންޑެންޓް" އިން ނެރުނު ރިޕޯޓެއްގައި، ހުޅުމާލޭގައި ހިނގި ގްރޫޕް ރޭޕެއްގެ މައްސަލައަކާ ގުޅިގެން އަނިޔާ ލިބުނު މީހާއަށް ވިކްޓިމް ބްލޭމް ކުރި ގޮތްތައް ވަނީ ތަފްސީލުކޮށްދީފައެވެ. ސޯޝަލް މީޑިއާގައި ކޮށްފައިވާ ކޮމެންޓުތަކުގައި އަނިޔާ ލިބުނު މީހާގެ އުޅުމާމެދު ސުވާލުު އުފައްދައި، ވަކި ތަނެއްގައި ހުރުމަކީ އެކަމަށް ރުހުން ދިނުން ކަމަށް މާނަކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ކުރިން ލިބުނު ޖިންސީ އަނިޔާގެ ވާހަކަ ހިއްސާކުރުމުން އާއިލާގެ މެންބަރަކު އެކަމުގެ ކުށް އެ މީހާގެ ބޮލުގައި އަޅުވާފައިވާ ކަމުގެ ތަޖުރިބާ ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
އިންޓަރނެޓުގައި ނުދަންނަ މީހުންގެ އިތުރުން، އިތުބާރުކުރާ އާއިލާއާއި ރައްޓެހިންގެ ފަރާތުންވެސް އަނިޔާ ލިބޭ މީހުންނަށް ފާޑުކިޔުންތަކާ ކުރިމަތިލާންޖެހޭކަން އެ ރިޕޯޓުން އެނގެއެވެ. ހިތްވަރާއި އެހީތެރިކަން ލިބުމުގެ ބަދަލުގައި، އެ އަނިޔާއަކީ އަމިއްލައަށް ހޯދައިގަތް ކަމެއް ކަމުގެ އިހްސާސް އެމީހުންނަށް ކުރުވައެވެ.
މިފަދަ ވިސްނުންތައް އުފެދެނީ، ޖިންސީ އަނިޔާއިން ރައްކާތެރިވުމުގެ ފުރިހަމަ ޒިންމާ އަންހެނުންނާއި އަންހެން ކުދިންގެ ބޮލުގައި އަޅުވައި، އަނިޔާކުރާ މީހާގެ ޒިންމާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭތީއެވެ. އަދި އަނިޔާ ލިބޭ މީހާގެ އިޖުތިމާއީ ދިރިއުޅުމާއި، އަންނައުނާއި، ގުޅުންތަކާއި ނުވަތަ އަބުރަށް ބަލައި، އެމީހުން ދައްކާ ވާހަކަ އަޑުއަހަންޖެހޭތޯ ނުވަތަ ނޫންތޯ މުޖުތަމައުއިން ނިންމާ ހިނދު މިއީ އާންމުކޮށް ފެންނަ މަންޒަރެކެވެ.
ދިވެހިރާއްޖޭގައި މިފަދަ ވިސްނުން ގެންގުޅެނީ ކިހާވަރެއްގެ އާބާދީއެއް ކަން ބުނެދޭނެ ސަރީހަ އަދަދެއް ނެތް ނަމަވެސް، އަނިޔާ ލިބުނު މީހުންގެ ތަޖުރިބާތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ ރިޕޯޓުތަކުން އެނގެނީ، މިއީ ޖިންސީ އަނިޔާއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކަންބޮޑުވާންޖެހޭ މުހިންމު މައްސަލައެއް ކަމެވެ.
2024 ވަނަ އަހަރު ޔޫއެން ވިމެން އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އިޖުތިމާއީ ތަޢައްޞުބާއި ބިރުވެރިކަމުގެ ސަބަބުން ރާއްޖޭގައި ޖިންސީ ކުށްތައް ރިޕޯޓުކުރުމަށް އަނިޔާ ލިބޭ މީހުން ފަސްޖެހޭ ކަމަށެވެ. އަދި ހެކި ހޯދުމަށާއި މައްސަލަތައް ތަހްގީގުކުރުމަށް ހުރަސްތަކެއް ހުރިކަން ފާހަގަކޮށް، އިންސާފު ހޯދައިދޭ ނިޒާމުތައް ވަރުގަދަކުރުމުގެ މުހިންމުކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޖިންސީ އަނިޔާގެ ނަންބަރުތަކުން ހާމަވާ ހަގީގަތް
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން މައްސަލައިގެ ނުރައްކާތެރިކަން ހާމަވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބު: 2026 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެމްބަރުގެ ނިޔަލަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 159 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި 134 އަންހެން ކުދިންނާއި 25 ފިރިހެން ކުދިން ހިމެނެއެވެ. އެންމެ ގިނައިން މައްސަލަ ރިޕޯޓުކޮށްފައިވަނީ މޭ އަދި ޖޫން މަހުއެވެ (ކޮންމެ މަހަކު 25 މައްސަލަ).ފުލުހުންގެ ތަފާސްހިސާބު: 2026 ވަނަ އަހަރުގެ މިހާތަނަށް ޖިންސީ ކުށްތަކުގެ 223 މައްސަލައެއް ފުލުހުންގެ ރެކޯޑުތަކުގައި ހިމެނެއެވެ.ކުރީގެ މައުލޫމާތު: 2024 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައިވާ ގޮތުން 2018 އިން 2023 އަށް ފުލުހުންނަށް 2،169 ޖިންސީ ކުށުގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެންމެ މަތީ އަދަދަކަށް މައްސަލަ ރެކޯޑުކުރެވުނީ 2020 ގައި (487 މައްސަލަ) އެވެ. ނަމަވެސް، މީގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ 47 މައްސަލައެއްގައި ކަމަށާއި، ކުށް ސާބިތުވެފައިވަނީ އެންމެ 10 މައްސަލައިގައި ކަމަށް ފާހަގަކޮށްފައިވެއެވެ.ކުޑަކުދިންނަކީ އެންމެ ނާޒުކު ފަރާތްތައް
ޔުނިސެފް މޯލްޑިވްސްއިން 2025 ގައި ނެރުނު ދިރާސާއަކުން ދައްކާ ގޮތުގައި، 2021 ގެ ޖަނަވަރީން 2024 ގެ ސެޕްޓެމްބަރާ ހަމައަށް ކުޑަކުދިންނަށް ކުރި ޖިންސީ ގޯނާގެ 816 މައްސަލައެއް ފުލުހުން ރެކޯޑުކޮށްފައިވެއެވެ. މީގެ ތެރޭގައި 862 ކުދިން (693 އަންހެން ކުދިންނާއި 169 ފިރިހެން ކުދިން) ހިމެނެއެވެ.
އެންމެ ގިނައިން ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވަނީ އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ (73 އިންސައްތަ).
ކުޑަކުއްޖަކު ކިތަންމެ ބޮޑުވެފައި ހުރި ކަމަށް ދެއްކުނު ކަމުގައި ވިޔަސް، ނުވަތަ ރުހުމުގައި އުޅުނު ކަމަށް ހީވި ނަމަވެސް، އެއީ ބޮޑު މީހަކު ކުރާ އަނިޔާވެރި އަމަލު ދިފާއުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ. ކުދިންނަށް ބިރުދައްކައި، އޮޅުވާލައި، ނުވަތަ އާއިލާގެ ތެރޭގައި މައްސަލަ ޖެހިދާނެތީ ސިއްރުކުރުމަށް މަޖުބޫރުކުރުވައެވެ. ބޮޑެތި މީހުން އެކުދިންގެ އުޅުމާމެދު ސުވާލުކުރަން ފެށުމުން، ކަންކަން ހިއްސާކުރުމަށް އޮންނަ ހިތްވަރު އެއްކޮށް ނެތިގެންދެއެވެ.
ވަކި ޖިންސަކަށް ނުބަލައި ބޮޑެތި މީހުންނަށްވެސް އަނިޔާ ލިބޭ
ޖިންސީ އަނިޔާއަކީ ހަމައެކަނި ކުޑަކުދިންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް މިފަދަ އަނިޔާތައް ކުރިމަތިވެއެވެ.
2024 ވަނަ އަހަރު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ޖެންޑަރ އަދި ގޭތެރޭގެ އަނިޔާގެ 511 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 9.8 އިންސައްތައަކީ ރޭޕް ހިމެނޭހެން ޖިންސީ އަނިޔާގެ މައްސަލަތަކެވެ. 2026 ވަނަ އަހަރުގެ މަހުން މަހަށް ބަލާއިރުވެސް، މެރިޓަލް ރޭޕް (ކައިވެނީގެ ތެރޭގައި ކުރާ ރޭޕް) ހިމެނޭހެން މައްސަލަތައް ރިޕޯޓުކޮށްފައިވެއެވެ.
ކައިވެނިކޮށްގެން އުޅުމަކީ ނުވަތަ ކުރިން ގުޅުމެއް އޮތުމަކީ، ޖިންސީ ކަންކަމަށް ދާއިމީ ރުހުމެއް ދިނުމެއް ނޫނެވެ. ކައިވެނީގެ ގުޅުމަކީ މަޖުބޫރުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ޖިންސީ އަނިޔާކުރުމަށް ލިބޭ ހުއްދައެއްވެސް ނޫނެވެ.
އަނިޔާ ލިބޭ މީހާއަށް ފާޑުކިޔުމުގެ (ވިކްޓިމް ބްލޭމް) ނޭދެވޭ އަސަރު
އަނިޔާ ލިބޭ މީހާއަށް ފާޑުކިޔުމަކީ ސީދާ އެ މީހަކަށް ތުހުމަތުކުރުން އެކަންޏެއް ނޫނެވެ. ސަމާސާކުރުމާއި، ޣީބަ ބުނުމާއި، އަމިއްލަ މެސެޖުތަކާއި ފޮޓޯތައް އާންމުކުރުމަކީވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
"ކީއްކުރަން އެގަޑީގައި ބޭރަށް ދިޔައީ؟"، "ކީއްވެ އެކަނި ދިޔައީ؟"، "ކީއްވެ ގަދަނެހެދީ؟" މިފަދަ ސުވާލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހާއަށް އިހްސާސްވަނީ އަމިއްލައަށް ކުށްކުރެވިގެން އުޅޭހެންނެވެ. މީގެ އިތުރުން، އަނިޔާކުރި މީހާއަކީ މުޖުތަމައުގައި މަގްބޫލު ނުވަތަ އަބުރުވެރި މީހަކަށްވުމުން މައްސަލަ އޮއްބާލަން އުޅުމަކީވެސް އަނިޔާ ލިބޭ މީހާއަށް ލިބޭ އިތުރު ނަފްސާނީ އަނިޔާއެކެވެ.
ބައިނަލްއަގްވާމީ މައްސަލައެއް
ދިވެހިރާއްޖޭގައި އަނިޔާ ލިބޭ މީހުންގެ ތަޖުރިބާއަކީ މުޅި ދުނިޔޭގައިވެސް އޮތް ބޮޑު މައްސަލައެއްގެ ބައެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އަންދާޒާކުރާ ގޮތުގައި ދުނިޔޭގެ ކޮންމެ 3 އަންހެނަކުން 1 އަންހެނަކީ އޭނާގެ ހަޔާތުގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ މީހެކެވެ. އަދި ޔުނިސެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އުޅޭ 370 މިލިއަނަށްވުރެ ގިނަ އަންހެނުންނަށް އުމުރުން 18 އަހަރުވުމުގެ ކުރިން ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހިފައިވެއެވެ.
ގާނޫނުގައި އޮތްގޮތާއި މައްސަލަ ރިޕޯޓުކުރުމުގެ މުހިންމުކަން
ދިވެހިރާއްޖޭގެ ޖިންސީ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 17/2014) ގެ ދަށުން ޖިންސީ ކުށްތަކަށް ފިޔަވަޅުއެޅުމުގެ ގާނޫނީ އޮނިގަނޑު ވަނީ އެކުލަވާލެވިފައެވެ. 2021 ގައި ކުރެވުނު އިސްލާހުތަކުގައި މެރިޓަލް ރޭޕް އަދި ފޮރެންސިކް ހެކި ހޯދުމުގެ އުސޫލުތައް ވަނީ ހިމަނާފައެވެ.
ކޮންމެ މައްސަލައެއްގައިވެސް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އިންސާފުވެރި ތަހްގީގެއް ހިންގަންޖެހެއެވެ. ތުހުމަތުކުރެވޭ މީހާއަށް ގާނޫނީ ރައްކާތެރިކަން ލިބެންޖެހޭ ފަދައިން، އަނިޔާ ލިބޭ މީހާ އާންމުންގެ ކުރިމަތީގައި ފަޟީހަތްކުރުމަކީ އިންސާފުގެ އިޖުރާއަތެއް ނޫނެވެ.
އަނިޔާ ލިބޭ މީހާއަށް އެހީތެރިވާނީ ކިހިނެއް؟
އެންމެ ފުރަތަމަ ކަމަކީ ހަމަޖެހިގެން އިނދެ އެމީހެއްގެ ވާހަކަ އަޑުއަހައި، އެއީ އެމީހާގެ ކުށެއް ނޫންކަން ބުނެދިނުމެވެ.
އެމީހާއަށް ރައްކާތެރިކަމާއި، ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭށެވެ. ކުޑަކުއްޖަކު މައްސަލައެއް ހިއްސާކޮށްފިނަމަ، ހަމަޖެހިގެން އިނދެ ކަންކަން އޮޅުންފިލުވައި، ކަމާބެހޭ އިދާރާތަކަށް (ފުލުހުންނަށް ނުވަތަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އިދާރާތަކަށް) އެންގުން މުހިންމެވެ.
އަނިޔާ ހުއްޓުވުމަށް މުޖުތަމައުގެ ރައްދު ބަދަލުކުރަންޖެހޭ
ޖިންސީ އަނިޔާތައް ހުއްޓުވުމަށްޓަކައި ހަމައެކަނި ރިޕޯޓުކުރަން ބުނުމަކުން ނުފުދެއެވެ. ފަސޭހައިން ރިޕޯޓުކުރެވޭނެ އިންތިޒާމުތަކާއި، ހަރުދަނާ ތަހްގީގާއި، ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.
އޭގެ އިތުރުން، ޖިންސީ އަނިޔާއާ މެދު މުޖުތަމައު ދެކޭގޮތް ބަދަލުކުރަންޖެހެއެވެ. އަނިޔާ ލިބޭ މީހާއަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، އަނިޔާކުރާ މީހާ ޒިންމާދާރުކުރުވައި، އަނިޔާލިބޭ ފަރާތްތަކަށް އިހްތިރާމާއި، ރައްކާތެރިކަމާއި، އިންސާފު ހޯދައިދެވޭނެ މާހައުލެއް ބިނާކުރަންޖެހެއެވެ.
އަނިޔާ ލިބޭ މީހަކީ އެހީތެރިކަން ލިބެންޖެހޭ މީހެއްކަން ސާބިތުކުރުމަށްޓަކައި އޭނާއަކީ އަބުރުވެރިއެއްކަން ދައްކާކަށް ނުޖެހޭނެއެވެ. ކުޑަކުއްޖަކު ބޮޑު މީހެއްގެ އަމަލަކަށް ކުށްވެރިއެއް ނުކުރެވޭނެއެވެ. އަދި ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓުކުރާ މީހަކަށް ލިބެންޖެހޭނީ ފަޟީހަތުގެ ބަދަލުގައި، އިންސާފާއި، ރައްކާތެރިކަމާއި، އަބުރުވެރިކަމެވެ.






