ދިވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖެހުމަށާއި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ އެފަދަ އަމަލުތަކަށް ގޮވާލި މައްސަލައެއްގެ ތުހުމަތުގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އަލީ ޖުމާން (25އ) އެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ހައްޔަރުކުރި ޖުމާންއަކީ މީގެކުރިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގެ ތެރެއަށް މަސްތުގެ ހާލަތުގައި ހުރެ ވަދެ، މައިކު ނަގައިގެން ވާހަކަދެއްކި މައްސަލައެއްގައިވެސް ފާހަގަވެފައިވާ މީހެކެވެ.
ޓެރަރިޒަމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ޖުމާން ހައްޔަރުކޮށްފައިވާއިރު، ދައުލަތުގެ ތިން ބާރު ތަމްސީލުކުރާ މައި އިމާރާތްތަކުގައި ހުޅުޖަހައި އަންދާލުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ވަނީ ފާއިތުވި އަންގާރަ ދުވަހު ހައްޔަރުކޮށްފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ހިދުމަތްކުރައްވާފައިވާ ޒިހާން ހައްޔަރުކޮށްފައިވަނީ ދައުލަތުގެ މުހިންމު އިދާރާތަކަކަށް ގެއްލުންދިނުމަށް ބާރުއަޅައި ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޒިހާން ކުރި ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ނުރޯކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ނުރައްކާތެރި އަމަލެއް ހިންގުމަށް ވަނީ ހިތްވަރުދީފައެވެ. އަދި އެ ތަންތަނުގައި ހުޅުޖަހައިފިނަމަ "މަޖާވާނެ" ކަމަށް ބުނެފައިވާ ކަމަށްވެސް ފާހަގަކުރެވެއެވެ.





