ރަށްރަށުގައި ފުލުހުންގެ ހިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ހިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ސީޕީ އަހްމަދު މުހައްމަދެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަލީ ގާސިމެވެ.
ސީޕީގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ފުލުހުންގެ އަދަދުގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، މުހިންމީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ. އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުމުންދޫގައި ތިބޭ ފުލުހުންގެ އަދަދު އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ވަކިވަކި އޮޕަރޭޝަންތަކަށް އިސްކަންދިން ނަމަވެސް، ގާނޫނީ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލުނުވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއް ނަމަވެސް، ފަރުވާކުޑަނުކޮށް ކުށުގެ ވެށި ކޮންޓްރޯލްކުރުމަށް ފާރަވެރިވުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
މާޒީގައި އަތޮޅުތެރޭގައި ކައުންސިލް އިދާރާތަކާއި ކުލީ ކޮޓަރިތަކުގައި ފުލުހުން މަސައްކަތްކުރަން ޖެހުނު ދަތިކަން ފާހަގަކުރައްވަމުން، ސީޕީ ވަނީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އިސްކަމަށްޓަކައި ރައީސަށާއި، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުމުންދޫ މަރުކަޒުގެ މަސައްކަތް އަވަހަށް ނިންމާލެވުނީ ކައުންސިލާއި ރައްޔިތުން ދެއްވި ބޮޑު އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނާ މަޝްވަރާކޮށްގެން ހިދުމަތް ބައްޓަންކުރުމަށް އެދިވަޑައިގެންނެވިއެވެ.






