ރާއްޖޭގައި ހިންގާ ސައިބަރ ކުށްތަކުގެ 68 އިންސައްތައަކީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގަމުންދާ ކުށްތައް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހާ ގުޅުވައިގެން މިއަދު ދެއްވި ހާއްސަ ހިތާބެއްގައެވެ.
ކޮމިޝަނަރުގެ ހިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، މި ފަސޭހަތަކާއެކު އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ނުރައްކާތައްވެސް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އަދި އޭގެ ސަބަބުން ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައް ވެސް މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހިދުމަތްތަކާއި ޒާތީ ދިރިއުޅުން ޑިޖިޓަލައިޒް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖެއްސުމުގެ ފުރުސަތުތައް ފުޅާވަމުންދާތީ، ޓެކްނޮލޮޖީގެ ހަގީގީ މަންފާ ލިބޭނީ ކޮންމެ ފަރުދަކާއި މުއައްސަސާއަކުންވެސް ޑިޖިޓަލް ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމުގައި ސީޕީ ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތައް ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. މީގެ ތެރެއިން 68 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކަންކަން ކަމަށާއި، މިފަދަ ކަންކަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިފަދަ ހާދިސާތައް ކުރިމަތިވަނީ ހޭލުންތެރިކަން ކުޑަވުމާއި އިހުމާލުވުމުގެ ސަބަބުންކަން ފާހަގަކުރައްވައި، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ވަނުމާއި، އޯޓީޕީ އަދި ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމާއި، ކާކުކަން ކަށަވަރުނުކޮށް އޮންލައިންކޮށް މީހުންނަށް އިތުބާރުކުރުމަކީ އާންމުކޮށް ފާހަގަކުރެވޭ ކަންކަން ކަމަށް ވިދާޅުވިއެވެ.
ސައިބަރ ކުށްތައް ހުއްޓުވައި، ތަހުގީގުތައް ހަރުދަނާކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހޯދައި، ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުން އަންނަ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޑިޖިޓަލް ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރުގަދަ ޕާސްވޯޑާއި، ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) ބޭނުންކުރުމަށާއި، އޯޓީޕީ އާއި ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އަދި ސައްހަނޫން މައުލޫމާތު ނުފެތުރުމަށް ކޮމިޝަނަރ ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން، ވިޔަފާރިތަކާއި މުއައްސަސާތަކުން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު އެއްނުކުރުމަށާއި، އައިޓީ ނިޒާމުތައް އަބަދުވެސް އަދާހަމަކޮށް، ސައިބަރ ހަމަލާއެއް ނުވަތަ ޑޭޓާ ބްރީޗެއް ހިނގައިފިނަމަ ވަގުތުން ފިޔަވަޅު އަޅައި ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ކޮމިޝަނަރުގެ ހިތާބު ނިންމަވާލައްވަމުން، މި މަހުގެ ތެރޭގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގައި އެންމެހައި ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އާއިލާތަކުގެ ތެރޭގައި މި މައުލޫއަށް ވާހަކަދައްކައި، ދަރިންނާއި ދޮށީ އުމުރުގެ މީހުން އިންޓަރނެޓް ބޭނުންކުރާ ގޮތް ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ ވެސް އިޖުތިމާއީ ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.






