މިދިޔަ ހަފްތާއާ ހަމައަށް ސްކޭމުގެ މައްސަލަތަކުން ގެއްލުނު ރުފިޔާގެ ތެރެއިން ޖުމުލަ 208،708 އަނބުރާ ހޯދައިފިއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި މި މަހުގެ 11 އިން 17 ގެ ނިޔަލަށް ސްކޭމްގެ ޖުމުލަ 38 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ ހަފްތާ ސްކޭމުގެ މައްސަލަތަކަށް ޖުމުލަ 387،881 ރުިފޔާ ގެއްލުނެވެ. މީގެ ތެރެއިން، 208،708 ރުފިޔާ އަނބުރާ ހޯދާފަވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިޕޯޓޫކޮށްފަވާ މައްސަލަތަކުގެ ތެރޭގަ ހިމެނެނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ 16 މައްސަލައާއި ފައިސާ މާރުކުރުން ނުވަތަ ކަރެންސީ އެކްސްޗޭންޖުގެ 10 މައްސަލައާއި ބުކިންގ ރީފަންޑުގެ 5 މައްސަލައާއި އެހެނިހެން 5 މައްސަލައިގެ އިތުރުން އިންވެސްޓްމެންޓްގެ 2 މައްސަލައެެވެ.
އެންޓި ސްކޭމް ސެންޓަރުން ސްކޭޟް ކުރުމަށް ބޭޏުންކުރާ އެކި މަންސަތައްވެސް ހާމަކޮށްފަވެއެވެ، އެގޮތުން، އޮންލައިން މެސެޖޮން އެޕްތަކާ، އައިބޭ، ފޭސްބުކް މާކެޓް ޕްލޭސް. ފިޝިން ލިންކް، ފޯނު ކޯލަތަކާ ޓީކްޓޮކްއަކީ އެންމެ އާއްމު މަންސަތައް ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
މިފަދަ ސްކޭމްތައް މަދުކުރުމަށްޓަކައި ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާންމުން ހޭލުންތެރިކުރުވުމަށާއި، ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި "އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ވިއްކާ ފަރާތުގެ ޕްރޮފައިލާއި ޕޭޖަށް ދީފައިވާ ރިވިއުތައް ރަނގަޅަށް ޗެކުކުރުމަށް" ފުލުހުން އިލްތިމާސްކުރައްވައެވެ.
އޭގެ އިތުރުން، އޮންލައިންކޮށް މުދާ ގަންނައިރު "މުދަލުގެ އަގު ބާޒާރުގެ އަގަށްވުރެ ހެޔޮނަމަ އެފަދަ ހުށަހެޅުންތަކަށް އިތުރަށް ސަމާލުވުމަށް" ވެސް ފުލުހުން އިލްތިމާސްކުރެއްވިއެވެ. ފުލުހުންގެ އަމާޒަކީ މިފަދަ އިރުޝާދުތަކާއި ފިޔަވަޅުތަކުގެ ޒަރީއާއިން ރައްޔިތުން މާލީ އޮޅުވާލުންތަކުން ރައްކާތެރިކުރުމެވެ.





