ދައުލަތުގެ ތިން ބާރުގެ މައި އިމާރާތްތަކުގައި ހުޅުޖަހައި އަންދާލުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައަކާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ޒިހާން ހައްޔަރުކޮށްފައިވަނީ، ދައުލަތުގެ މުހިންމު އިދާރާތަކަކަށް ގެއްލުންދިނުމަށް ހިތްވަރުދީ ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އޭނާ ކުރި ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ނުރޯކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ހިންގުމަށް ވަނީ ހިތްވަރުދީފައެވެ. އަދި އެ ތަންތަނުގައި ހުޅުޖަހައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށްވެސް އޭނާގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ މޭރުމަކުން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި މި ޕޯސްޓު އާންމުކުރުމަށްފަހު، ގަޑިއިރެއްހާއިރު ތެރޭގައި ޒިހާން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ. ނަމަވެސް އެއިރު ގިނަ ބައެއްގެ ސަމާލުކަމަށް އެ ޕޯސްޓް އައިސް، ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އެމެރިކާގެ ނޭވަލް ޕޯސްޓްގްރެޖުއޭޓް ސްކޫލުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޒިހާން، ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގަތުމަށްފަހު މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ.






