ސިނަމާލެ ބުރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން ހާދިސާ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ސީޕީ އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުމަށާއި ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލުން ޖެހުމުގެ ސަބަބުން ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގި ވަގުތު އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ފުލުހުން ފާހަގަކުރެވިއެވެ. ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލު ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ގޮސް، މަގުމަތީގައި ޖަހާފައިވާ ބެރިކޭޑްގައި ޖެހުމަށްފަހު، ސީދާ އޮފިސަރުގެ ގައިގައި ޖައްސާފައިވާކަން ސީޕީގެ ބަޔާނުގައި ތަފްސީލުކޮށްދެއްވާފައިވެއެވެ.
މި ނުރައްކާތެރި އަމަލާ ގުޅިގެން ފުލުހުން އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން، ފުލުހުންގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މީގެއިތުރުން، މި އަމަލުގައި ޝާމިލްވާ އިތުރު ދެމީހަކާއި އެމީހުން ދުއްވި ސައިކަލެއްވެސް ލޮކޭޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގައި ސީޕީ ހާމަަކުރެއްވިއެވެ.
އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސީޕީ ދެއްވިއެވެ. ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ފުލުހުންގެ ހިދުމަތުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމަށް ސީޕީ ވިދާޅުވިއެވެ.
އަދި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން، މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެކަމުގެ ތަފްސީލު ސީޕީ ހާމަކުރެއްވިއެވެ.





