ކ. ގުރައިދޫ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ގުރައިދޫ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއް ހޫނުވެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:36 ހާއިރުއެވެ.
މި ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭނާގެ ވާތު މުލައްދަނޑިއަށާއި ކަނާތު އުކުޅުވަޅު ކައިރިއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ. މީގެއިތުރުން، އެ މާރާމާރީ ހުއްޓުވަން މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް ވަނީ އަނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 50 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




