ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށް، އެމީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނަވަރު ހާމަކޮށްފައިވަނީ ލ. އަތޮޅަށް ނިސްބަތްވާ ހަ މީހެއްގެއެވެ. އެއީ:
- ހަސަން އާހިލް (20އ) - އީޓްޖެހިގެ / ލ. ގަން، ތުނޑި
- ޝަނޫން (25އ) - ޒިޔުރިކު / ލ. ގަން، ތުނޑި
- މުހައްމަދު މައިސާން އަލީ ނަސީރު (21އ) - ކުދިރަތްމާގެ / ލ. މާމެންދޫ
- ހުސައިން މުސްރިގް (30އ) - ކެރޯލް / ލ. މާމެންދޫ
- އިބްރާހީމް އަރުޒަލް (28އ) - ރިހިވެލި / ލ. މާމެންދޫ
- އަހްމަދު އިނާޒު (35އ) - ހުދުފަސް / ލ. މާމެންދޫ
ފުލުހުންގެ ބެލުމުގެ ދަށަށް މި މީހުން ގެންގޮސްފައިވަނީ ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން، ރޭ 22:50 ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި، އެ ސަރަހައްދުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނުގެ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ. އަދި އޭނާގެ ސޯޓު ޖީބުން މޫނު ނިވާކުރާ ހުޑް މާސްކެއް ފެނިފައިވާއިރު، އެ ސަރަހައްދު އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވެސް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެންމެންގެ ބަންދަށްވެސް 10 ދުވަސް އިތުރުކޮށްދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






