ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ހުޅުމާލެއަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ހިސާބުތަކަކީ 14 ނޮވެމްބަރުގެ ހެނދުނު 8:00 އިން 15 ނޮވެމްބަރު 2026 ގެ ހެނދުނު 8:00 އާ ހަމައަށް ރެކޯޑުކުރެވިފައިވާ މައުލޫމާތުތަކެކެވެ. މި މުއްދަތުގައި ހުޅުމާލެއަށް 66 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.
ހުޅުމާލެއަށް ފަހު ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. އެ ރަށަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ވެރިރަށް މާލެއަށް 43.7 މިލިމީޓަރު އަދި ކ. ހުރާއަށް 43.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން އއ. ތޮއްޑުއަށް 33.2 މިލިމީޓަރު، ބ. ދަރަވަންދޫއަށް 30.4 މިލިމީޓަރު، ގދ. ކާޑެއްދޫއަށް 28.8 މިލިމީޓަރު އަދި ލ. ކައްދޫއަށް 24.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ވ. ރަކީދޫއަށް 21.9 މިލިމީޓަރު، ގދ. ފަރެސްމާތޮޑާއަށް 22.8 މިލިމީޓަރު އަދި ގދ. ތިނަދޫއަށް 19.4 މިލިމީޓަރުގެ ވާރޭ ވަނީ ރެކޯޑުކުރެވިފައެވެ.
މި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހުނު މިންވަރު ބޮޑުތަނުން ތަފާތުވެފައިވާއިރު، މެޓް އޮފީހުން ވާރޭގެ މިންވަރު ބަލާ ސްޓޭޝަންތަކުގެ ތެރެއިން އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ފާހަގަކުރެވިފައިވަނީ ހުޅުމާލެއަށެވެ.
ހޮނިހިރު ދުވަހު މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ހޯމަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.








