މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. އެ އިދާރާއިން ވަނީ ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން އިތުރަށް ގޯސްވެދާނެތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ހާމަކުރެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން އުތުރުގެ ސަރަހައްދުތަކުގައި 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެއާއި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.








