މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މިއަދުގެ ހެނދުނު 06:30 އިން 10:30 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރުމަށްފަހު، އެ ސަރަހައްދަށް ވަނީ ހެނދުނު 10:30 އިން ހަވީރު 16:00 އަށް ހުދު ސަމާލު ވެސް ނެރެފައެވެ.
އެ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުރާއްޖެތެރެއާއި އުތުރަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަޑިއަކު 40 މޭލަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އާންމު ގޮތެއްގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މައުލޫމާތު ދެއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށާއި ގދ. ކާޑެއްދޫއަށެވެ. އެގޮތުން ފަރެސްމާތޮޑާއަށް 104.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ކާޑެއްދޫއަށް ވަނީ 63 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ވިއްސާރައިގައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ދެނެގަތުމަށްފަހު އާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.






