ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމާއި ގެއްލުން ކުޑަކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މި ވިއްސާރައިގައި ހދ. ކުޅުދުއްފުށި ސިޓީގެ އިތުރުން ޅ. ނައިފަރު އަދި ހއ. ތަކަންދޫގައި ފެންބޮޑުވެފައިވާތީ، ވެލިބަސްތާ ޖެހުމާއި، ޕަންޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންނެވެ.
އެގޮތުން، ހދ. ކުޅުދުއްފުށީ ސިޓީގައި ފެންބޮޑުވި ސަރަހައްދުތަކުގައި ސިޓީ ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން އެމްއެންޑީއެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އެ ސިޓީގެ ތިން ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން، ޅ. ނައިފަރަށް ވެހުނު ބޯވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާތީ، އެ ރަށުގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގައި އެމްއެންޑީއެފް ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ހއ. ތަކަންދޫގައި ވެސް ފެންބޮޑުވެ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިންގެ ޓީމެއް ވަނީ އެ ރަށަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެ ރަށު ކައުންސިލާ ގުޅިގެން، ފެންބޮޑުވެފައިވާ ސަރަހައްދުން މޫދަށް ކޯރެއް ކެނޑުމުގެ މަސައްކަތާއި، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި އޮކްސިލަރީ ފަޔަރމަނުން ދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ.
މޫސުން ގޯސްވެ، މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ގިނަ ރަށްތަކަކަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އަދި ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުންނާއި ކައުންސިލްތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.






