ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައި ވަނީ މިއަދު 10:20 އިން 16:20 އަށެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮތް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިހަފުތާ ބަންދަށް ދެމިގެންދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ޖެހެމުންދާނީ ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ. މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ރައްޔިތުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރޭއެވެ.





