މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 13 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު، ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.
މިއަހަރުގެ ފޯރަމްގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.
މި ފޯރަމްގައި ސިޔާސަތު އެކަށައަޅާ އިސް ފަރާތްތަކާއި، މާލީ އިދާރާތަކާއި، ރެގިއުލޭޓަރުންނާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ފޯރަމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދިގުމުއްދަތުގެ، ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ދޮރުތައް ދެނެގަތުމެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަކީ މާލީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މާލީ އިދާރާތަކުން މިހާރު ދެކެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިގުމުއްދަތުގެ ރައުސްމާލު ހޯދުމުގައި ގެންގުޅޭ އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރުހުރި 'ގްރީން ފައިނޭންސް' މާކެޓެއް ބިނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ގައުމީ ތަރައްގީގެ ސިޔާސަތުތަކާ ގުޅޭ މާލީ ވަސީލަތްތައް ގާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ފޯރަމްގައި މަޝްވަރާކުރެވޭނެއެވެ.
މީގެއިތުރުން، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތައް ބިނާކުރުމާއި، އަދި ނޫ އިގްތިސާދުގެ ދާއިރާއިން ފަހިވެފައިވާ ދެމެހެއްޓެނިވި އިންވެސްޓްމަންޓް ފުރުސަތުތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭ މައި މުއައްސަސާގެ ހައިސިއްޔަތުން، މާލީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެކަމަށް ޕެންޝަން އޮފީހުން ހާމަކުރެއެވެ. އެ އޮފީހުން ފާހަގަކުރާ ގޮތުގައި، ޕެންޝަން ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ސީދާ ގުޅިފައިވަނީ ގައުމުގެ ވިލުންތެރި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ފައިދާ ހޯދައިދޭނެ އިންވެސްޓްމަންޓްތަކުގެ މައްޗަށެވެ.
މި ފޯރަމަކީ ދާއިރާގެ ތަޖުރިބާކާރުންނާއި އިސްވެރިންގެ މެދުގައި ފިކުރު ބަދަލުކޮށް، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ލިބެންހުރި އައު ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބިގެންދާނެ އަގުހުރި މަންސައެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.





