މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ ޔަޒްމީދު މިހެން ވިދާޅުވީ، ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ ޖުމްލަ 30 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމަންޓް ފައިދާ ހިމެނެއެވެ. ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި އަދަދު ދެގުނަކޮށް، 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ މިހާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ޔަޒްމީދު ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، އިސްނަގައިގެން (ޕްރޯއެކްޓިވްކޮށް) މަސައްކަތްކޮށް، އިންވެސްޓްކުރެވޭނެ އައު ފުރުސަތުތައް ހޯދުމަށް ވަނީ ރޭވިފައެވެ. އަދި ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެގޮތަށް އޮފީހުގެ ހިންގުމުގެ ނިޒާމު ތަރުތީބުކުރައްވާފައިވާ ކަމަށް ސީއީއޯ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ޤާނޫނީގޮތުން ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން އަދިވެސް މި ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވައި، އެ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ޕެންޝަން ފައިސާ ދައްކަން ޖެހޭނެކަމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައި ރިކަވަރ ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
ހަނިމާދޫ ކައުންސިލާ ގުޅިގެން އެ ރަށުގައި ބޭއްވި "3ޖެން ވޯކް" ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން، ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާ ގުޅޭގޮތުން ޢާއިލާތައް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މުޅި މުޖުތަމަޢު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވި މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ހަނިމާދޫ ކައުންސިލާއި، އެކި މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.



