މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން، 14 ނޮވެމްބަރު 2026 ގައި ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ މައްޗަށްށެވެ.
މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުން ދެކެމުންދާތީ، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް އަލިއަޅުވާލެވޭނެއެވެ.
މި މަޝްވަރާތައް ބިނާވެފައިވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ތައާރަފުކޮށްފައިވާއިރު، މިއީ އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކަށް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް މަގުފަހިކޮށްދިނުމަށް ކޮށްފައިވާ މުހިންމު މަސައްކަތެކެވެ.
ރާއްޖޭގެ މައިގަނޑު އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މި ދާއިރާއަށް ހާއްސަ އިސްކަމެއް ދެއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވި ގޮތުގައި، ޕެންޝަން ފައިސާއަކީ ދިގުމުއްދަތަށް އިންވެސްޓްކުރެވޭ އެއްޗަކަށްވުމުން ކުރިއަށް އޮތް ވިއްސަކަށް ނުވަތަ ތިރީހަކަށް އަހަރު އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ފުރުސަތުތަކަކީ ބައިވެރިންނާ ސީދާ ގުޅުންހުރި ކަންކަމެވެ.
2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާއިމުކޮށްފައިވާ ގައުމީ މަންސައެކެވެ. ޕެންޝަން އޮފީހަކީ ގާނޫނު ނަންބަރު 8/2009 ގެ ދަށުން ރިޓަޔާމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ފޯރުކޮށްދީ، ދެމެހެއްޓެނިވި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އުފައްދާފައިވާ މުސްތަގިއްލު އިދާރާއެކެވެ.
މި ފޯރަމްގެ ސަބަބުން ގްރީން ފައިނޭންސްގެ ފަލްސަފާ ރާއްޖޭގައި އަމަލީ ފުރުސަތުތަކަކަށް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ވިލުންތެރިކަން އިތުރުކޮށް، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.




