މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި ޝިއުނާ މަގާމުން ވަކިކުރިކަން ހާމަކޮށް ޕެންޝަން އޮފީހުން ބުނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން ކަމަށެވެ. އަދި އެ މައްސަލަ ފުރިހަމައަށް ތަޙުގީގުކުރުމަށްފަހު، ޝިއުނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ޝިއުނާ ހަވާލުވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ވަނީ މިދިޔަ ސަރުކާރުގައި އޭސީސީގެ ރައީސްކަން އަދާކޮށްފަ އެވެ. މީގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ޝިއުނާ ވަނީ އަދާކޮށްފަ އެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޝިއުނާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (ސޯއަސް) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފަ އެވެ. އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް ހާސިލުކުރައްވާފައިވާއިރު، ޔުނިވަސިޓީ އޮފް ލަންޑަނުގެ ބާކްބެކް ކޮލެޖުން ސިޔާސީ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ވެސް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.



