2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ސީދާ ނުރައްކަލެއް ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ރާވަންވާނީ އެ ނުރައްކާތައް މެނޭޖްކުރެވޭ ގޮތަށް ވިލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.
މިނިސްޓަރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމުގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވެއެވެ. އަދި އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން، އަމިއްލަ ފަރާތްތަކާއި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް މި ދާއިރާއަށް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ އިދާރާއަކަށް އެމްއެފްއެލްސީ ވުމަކީ ބައިނަލްއަގްވާމީ ފަންޑުތައް ހޯދުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި މަޝްރޫއުތަކަށް ހާއްސަ މާލީ އުފެއްދުންތައް ތައާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވައި، ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ އަމަލީ ގޮތުން ހިންގޭ މަޝްރޫއުތަކުން ލިބޭ ނަތީޖާއިން ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.





