ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59,704,440,795 ގެ ބަޖެޓެއް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މި ބަޖެޓަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރުމަށް އެކުލަވާލާފައިވާ ބަޖެޓެކެވެ.
ހުށަހެޅުނު ބަޖެޓުގެ ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. އަންނަ އަހަރު އެއްވެސް ޓެކުހެއް މަތިނުކުރުމަށް ނިންމާފައިވާއިރު، 01 ޖަނަވަރީ 2027 އިން ފެށިގެން ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފަވެއެވެ.
އިޖުތިމާއީ އަދި އަސާސީ ހިދުމަތްތަކަށް ބަލާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމްތަކުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތައުލީމީ ދާއިރާއިން ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީއަށް 651 މިލިއަން ރުފިޔާ ހަމަޖައްސާފަވޭއެވެ. މީގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމަށް 2027 ވަނަ އަހަރު "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ކަނޑައަޅައި، 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފަވޭއެވެ.
އުމްރާނީ އަދި އިގްތިސާދީ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެއ އަމަލީ މަސައްކަތް ފަށާފައިވާއިރު، ތިލަފުށީގައި 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި 1.4 ކިލޯމީޓަރުގެ ކީވޯލްއަކާއެކު ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީކުރެވެމުންދެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން މި ބަނދަރު އޮޕަރޭޝަނަލައިޒް ކުރުމަށް އަމާޒުހިފާފައިވާއިރު، މީގެ ސަބަބުން މުދާ ބާލަން ހޭދަވާ މުއްދަތު 3 ދުވަހަށްވުރެ ކުރުވެގެންދާނެއެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމައި 2027 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، މަސްވެރިކަން ފުޅާކުރުމަށް އިތުރު 11,400 ޓަނުގެ ސްޓޯރޭޖާއި، ދުވާލަކު 550 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ހުޅުމާލޭގައި ބޮޑުކަންނެލި ޕެކިންގ ފެސިލީޓީއެއް ގާއިމުކުރެވިގެންދާނެއެވެ.
ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން 2028 ވަނަ އަހަރުގެ ނިޔަލަށް އުފައްދާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް "މޯލްޑިވްސް ސޯލާ ޑިވެލޮޕްމަންޓް އެންޑް އެނާޖީ ސްޓޯރޭޖް ސޮލިއުޝަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއުގެ ދަށުން 250 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ހަކަތަ ރައްކާކުރުމުގެ ނިޒާމުތައް ގާއިމުކުރެވި، އަހަރަކު ތެޔޮ ގަންނަ މިންވަރުން 120 އާއި 130 މިލިއަން ލީޓަރު މަދުކުރެވޭނެއެވެ. މި ބަޖެޓަކީ މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ފާހަގަކުރެއްވިއެވެ.




