މި ސަރުކާރުގެ ފާއިތުވި ތިން އަހަރަކީ ގައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށް، ދަރަނި ކުޑަކޮށް އަދި ގައުމުގެ ކްރެޑިޓް ރޭޓިން މަތިކުރެވުނު ކާމިޔާބު މުއްދަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ،
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށެވެ. ރަނގަޅު ފިޔަވަޅުތަކެއް ނޭޅުނުނަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމު ޑިފޯލްޓްވުމުގެ ބިރު އޮތް ކަމަށާއި، ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިފައި އޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ރިޒާވް ރަނގަޅު ކުރެވިފައިވާ ކަމަށާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކުވެސް އިގްތިސާދު ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަރުދަނާ މެނޭޖްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދެ ފަހަރެއްގެ މަތިން މަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ މައިގަނޑު އަމާޒަކީ މިހާތަނަށް ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން %70 މަޝްރޫއު އެއްކޮށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށެވެ. އަދި އައު މަޝްރޫއުތައް ފެށުމަށްވުރެ ބޮޑަށް އިސްކަންދޭނީ ނުނިމިހުރި މަޝްރޫއުތައް ނިންމުމަށް ކަމަށް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމަށާއި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި، ބޭރުފައިސާ މެނޭޖުކުރުމުގައި ރައްޔިތުންނަށް ފަސޭހަތަކެއް ފަހިކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ބޭސްފަރުވާއާއި އެހެނިހެން ކަންކަމަށް ރާއްޖެއިން ބޭރަށްދާއިރު ކުރަންޖެހޭ ހަރަދުތަކުގައި ލުއިތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ.
ނިންމާލަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދެމުންދާ ސަރުކާރެއްކަން ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށެވެ. އަދި ބޭރުގެ ޖަމިއްޔާތަކުންވެސް މި މަސައްކަތްތައް ބަލައިގަންނަމުންދާތީ، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ އިންވެސްޓަރުން އިތުރުވެ، އިގްތިސާދު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.




