ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކި އަތަކަށް ނުޖެހި، މިނިވަންކަމާއެކު ބައްޓަންކުރުމުގައި ސަރުކާރަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ބޭރުގެ ވަކި ފަރާތަކަށް ބުރަވެ، އެހެން ގައުމުތަކުގެ ކޮންޓްރޯލްގެ ދަށަށް ދާގޮތަށެވެ. މިފަދަ ނުރައްކާތެރި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ އިސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެއްވެސް ގައުމެއްގެ އަސްކަރީ ނުވަތަ އެހެން ވެސް ބާރެއްގެ ދަށުގައި ރާއްޖެ ނުއޮންނާނެކަމުގެ ޔަގީންކަން ދެއްވަމުން، ރާއްޖެއަކީ އެހެން ގައުމުތަކުގެ އެޖެންޑާތައް ފުރިހަމަކުރާ ތަނަކަށް ނުހަދާނެކަމަށް ވިދާޅުވިއެވެ.
އިސްލާމީ ގައުމުތަކާއިއެކު އޮންނަ އަހުވަންތަކަމުގެ ގުޅުންތައް ބަދަހިކުރުމާއި، ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ގާއިމްކުރުމަށް ރާއްޖެއިން ހަމަހަމަ އުސޫލަކުން މަސައްކަތްކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހާރިޖީ ގުޅުންތައް ބިނާކުރަމުންދާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް، ހުރިހާ ގައުމުތަކާވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރު ދެއްކި ނަމޫނާއިން އެކަން ސާބިތުވެގެން ގޮސްފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ގައުމީ މަސްލަހަތު އިސްކޮށް، ދިވެހިންގެ އިންތަކާއި މިންތަކުގެ މަތީގައި ހާރިޖީ ސިޔާސަތު ހިންގުމުގެ ސަބަބުން ރާއްޖޭގެ އަގު މަތިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނިންމާލަމުން ރައީސް ވިދާޅުވީ، ސަރަހައްދީ ސަލާމަތަށް ނޭދެވޭ އަސަރެއް ނުކުރާނެފަދަ ޒިންމާދާރު ހާރިޖީ ސިޔާސަތެއް ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، މިނިވަންކަމާއެކު ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސިޔާސަތު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.




