އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށްވެސް، ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖު ވެވޭގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލި ގަވާއިދު ގެޒެޓުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.
މި އިސްލާހު ގެނައުމުގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހައްޖު ޖާގަ ކަށަވަރުވާ އިރު 65 އަހަރު ފުރޭ މީހުންނަށް، ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގައި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް މި އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. އެހެންކަމުން، މީގެ ކުރިން އުމުރުގެ ސަބަބުން ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށްވެސް މިހާރު މި ލުއި ލިބިގެންދާނެއެވެ.
ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި، މި އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރެވޭނީ، މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުރި މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، ޝަރުތުހަމަވާނީ އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.
މި އުސޫލުން ހައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ހަމަޖެހިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ފައިސާ ވަގުތުން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ހައްޖު ކޯޕަރޭޝަނާ ފައިސާ ހަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާރު ޕެންޝަން ލިބެމުންދާ މީހުންނަށާއި އަލަށް ރިޓަޔާކުރާ މީހުންނަށް ދޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާއެއް ނުހިމެނޭނެއެވެ. އެހެންކަމުން، މި ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ބާތިލުވެ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.




