މިއަހަރުގެ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ (އިންޒެކް 2026) ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމް.ޕީ.އޭ.އޯ) ޒަކާތް ހައުސިން މޯލްޑިވްސްއާއެކު ސޮއެކޮށްފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން އެމް.ޕީ.އޭ.އޯއިން މި ކޮންފަރެންސަށް ދެއްވާ އެއްބާރުލުމާއި، ދެ މުއައްސަސާގެ ދެމެދުގައި ދަމަހައްޓަމުންދާ ގުޅުން ފާހަގަކޮށް ޝުކުރެއް އަދާކުރިއެވެ. ޒަކާތު ހައުސިން ބޭއްވި އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2024) ގައިވެސް ޕެނަލިސްޓެއްގެ ގޮތުގައި އެމް.ޕީ.އޭ.އޯއިން ވަނީ އަމަލީގޮތުން ބައިވެރިވެފަކަމަށް ޒަކާތު ހައުސިންއިން ފާހަގަލުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެއެވެ. އަދި ގައުމީ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް، އިލްމު ހިއްސާކުރުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއެކު، މުސްތަގުބަލުގައި އިތުރު ދާއިރާތަކުން ދެފަރާތަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް ނިންމާފިއެވެ. މީގެއިތުރުން، އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފަވާ ކަމުގައިވެސް އެ އިދާރާއިން ހާމަކުރިއެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ގައި މާލޭގެ އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސްގައި އިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވާނެއެވެ. އެފަރާތްތަކުން އެއްވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ރޭވިފަވެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އުންމީދުކުރަނީ މި ބައިވެރިވުމުގެ ތެރެއިން އެމް.ޕީ.އޭ.އޯއާއެކު ގާތުން މަސައްކަތްކޮށް، ކޮންފަރެންސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެމް.ޕީ.އޭ.އޯ ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ލިބޭނެ ބޮޑު ބާރެކެވެ. މިއީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެކެވެ.





