މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ. މިއީ މި ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެހުނުޖެހުނު ދެވަނަ ފަހަރެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުން ދެމުން އަންނަ ބީއެމްއެލުން ވަނީ ރާއްޖޭގައި ޒަކާތާ ގުޅުންހުރި މުހިންމު ކަންކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމާއި، ބޭންކުގެ ހިދުމަތްތައް މެދުވެރިކޮށް އާންމުންނަށް ފަސޭހަކަމާއެކު ޒަކާތުގެ ވާޖިބު އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.
ޒަކާތާ ގުޅޭ ޒަމާނީ މައްސަލަތަކާއި ފުރުސަތުތަކާ މެދު މަޝްވަރާކުރުމަށް އިލްމުވެރިންނާއި، މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މިދާއިރާގެ އަމަލީ މަސައްކަތްތެރިން އެއްތަންކުރާ އިންޒެކް ކޮންފަރެންސަށް ބީއެމްއެލުން ދެމުންދާ އެއްބާރުލުން ޒަކާތު ހައުސްއިން ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އިންޒެކް 2026 އަކީ މޯލްޑިވްސް ޒަކާތު ހައުސްއިން ބާއްވާ މިފަދަ ތިންވަނަ ކޮންފަރެންސެވެ. މިއީ އިސްލާމިކް ސޯޝަލް ފައިނޭންސް ހަރުދަނާކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އެ ދާއިރާގެ ދައުރާ ގުޅޭގޮތުން މަޝްވަރާކޮށް އިލްމު ހިއްސާކުރުމަށް ލިބޭ މުހިންމު މަންސައެކެވެ.




