ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރި އާލާކޮށް، އަމިއްލަ ވިޔަފާރިތައް ފެށުމަށާއި ފުޅާކުރުމަށް ހާއްސަކޮށްގެން ދޫކުރާ "ޔޫތު އޮންޓްރަޕްރަނަރޝިޕް ފައިނޭންސިންގ" ސްކީމުގެ ދެވަނަ ފޭސްގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކީމަކީ ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ދޫކުރާ މި ފައިނޭންސިންގގެ ދަށުން، ރަހުނަކާ ނުލައި 150،000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.
މި ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 7 އިންސައްތައިގެ ފައިދާގެ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސްދުވަސް ލިބިގެންދާނެއެވެ. މި ފައިނޭންސިންގ ހޯދުމަށްޓަކައި އެއްވެސް އިކުއިޓީ ކޮންޓްރިބިއުޝަނެއް ނުވަތަ ރަހުނެއް ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް، ފޯމު ހުށަހެޅުމުގެ ކުރިން އެސްއެމްއީ ޑިޖިޓަލްގެ އޮންލައިން ފައިނޭންޝަލް ލިޓްރަސީ ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަންޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖުލައި މަހު އިފްތިތާހުކޮށްދެއްވި 1 ބިލިއަން ރުފިޔާގެ މި ބޮޑު ފަންޑުގެ ފުރަތަމަ ފޭސްގެ ދަށުން، ރާއްޖޭގެ ރަށްރަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއެކު ޕާޓްނަރޝިޕެއް ގާއިމުކޮށް، މި ފަންޑު ލިބޭ ޒުވާނުންނަށް ވިޔަފާރި ހިންގުމުގެ ތަމްރީނާއި، މެންޓަރޝިޕް އަދި ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސާފައެވެ.
މި ސްކީމުގެ ދެވަނަ ފޭސްއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް (www.smedigital.mv) މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.




