ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކައިގެން، ޓިކްޓޮކްގައި "އެމްޓީޕީ" ގެ ނަމުން މަޝްހޫރުވެފައިވާ މއ. ފޮގެޓްމީނޮޓް، ޢަބްދުﷲ ޒިޔާމްގެ މައްޗަށް އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ބީއެމްއެލްގެ ފަރާތުން ޒިޔާމްގެ މައްޗަށް މި ދައުވާ އުފުލީ، ކްރެޑިޓް ކާޑުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ގޮސްފައިނުވާތީ އެވެ. މިގޮތުން ކާޑުން ކޮށްފައިވާ އެކި މުއާމަލާތްތަކުގެ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާ އަދި ރިކަވަރީ ފީ ހޯދުމަށް ބޭންކުން ވަނީ އެދިފަ އެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ދައުވާގެ ލިޔެކިޔުންތައް ޒިޔާމަށް ރައްދުކުރި ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުވަތަ ދިފާއެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން މި މައްސަލައިގައި ޝަރީއަތުން ނިޔާ ކަނޑައަޅާފައިވަނީ އޭނާގެ އައިރުހާޒިރުގަ އެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކްރެޑިޓް ކާޑުގެ ޝަރުތުތަކާއި ފީތަކަށް ޒިޔާމް އެއްބަސްވެފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮވެ އެވެ. އަދި އިންޓްރެސްޓާއި ޖޫރިމަނާއާއެކު އޭނާ ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ވަނީ 8,536.21 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 1.3 ލައްކަ ދިވެހި ރުފިޔާ) އަރާފަ އެވެ. މީގެއިތުރުން، މައްސަލައިގެ ރިކަވަރީ ފީގެ ގޮތުގައި 5,000 ރުފިޔާ ނަގައިދިނުމަށް ވެސް ބޭންކުން ވަނީ ކޯޓުގައި އެދިފަ އެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ކުރެއްވި ހުކުމުގައި ވަނީ، ޒިޔާމްގެ މައްޗަށް ބޭންކުން ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފަ އެވެ.
އަދި ކާޑަށް ދައްކަންޖެހޭ 8,536.21 އެމެރިކާ ޑޮލަރާއި، އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ އިތުރުން ރިކަވަރީ ފީއަށްވާ 5,000 ރުފިޔާ، ކުރިއަށް އޮތް 06 މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ބީއެމްއެލްއަށް ދައްކައި ހަލާސްކުރުމަށް ޒިޔާމްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.




