އީ-ކޮމާސްގެ ހިދުމަތްތަކަށް އެޅިފައިވާ ހުރަސްތައް ނައްތާލައި، ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ މައްސަލައިގައި ބީއެމްއެލްއަށް ކުރިމަތިވި އެކިއެކި ހީނަރުކަން އެ ބޭންކުން މިހާރު މެނޭޖްކޮށްފައިވާ ކަމަށެވެ. އަދި ހާލަތު ބަދަލުވެ، ހިދުމަތްތައް ކުރީގެ ހާލަތަށް ގެނައުމަށްޓަކައި ބޭންކުން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ހާލަތު މެދުވެރިވީ ރާއްޖޭގެ ތާރީހުގައި ވެސް ނުދައްކާ ފަދަ ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހުމުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީހުގައި ބައްދަލުކުރި އެންމެ ބޮޑު ދަރަނި މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދައްކަން ޖެހިފައިވާއިރު، އެއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ދައްކާފައި ނުވާ ފަދަ ބޮޑު އަދަދެއްގެ ދަރަނި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އެ ހާލަތު ބަދަލުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2040 އާ ހަމައަށް އެކުލަވާލެވިފައިވާ ހާއްސަ ތަސައްވުރުގެ (ވިޝަން) ދަށުން ރާއްޖޭގެ އިގްތިސާދު ހަރުދަނާ ބިންގަލެއްގެ މައްޗަށް ރުޖޫއަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އީ-ކޮމާސްގެ ދާއިރާއިން އެޅިފައިވާ ހުރަސްތައް ފުރަތަމަ ދުވަހުން ފެށިގެން ވެސް ހަގީގަތުގައި އޮތީ ނައްތާލެވިފައި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އޭގެ އެންމެ ބޮޑު ހެއްކަކީ އެކި ދާއިރާތަކަށް ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ބޭރު ފައިސާގެ ނިސްބަތް، މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު އެތައް އިންސައްތައެއް އިތުރުވެފައިވުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި، ހައްޖާއި އުމްރާއަށް ފުރާ ފަރާތްތަކަށް އަދި އީ-ކޮމާސް އާއި ޓީޓީ ސަޕޯޓަށް ބެލި ކަމުގައި ވިޔަސް، ވޭތުވެދިޔަ ދެ ސަރުކާރު އެއްކޮށްލުމުން ފެންނަ އަދަދަށްވުރެ ވެސް މި ސަރުކާރުގައި ބޮޑެތި އަދަދުތަކުން ބޭރު ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން ބީއެމްއެލް އިން ކުރިއަށް އޮތް ތަނުގައި އިތުރު ތަފުސީލީ މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.





