މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި "ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ ގަވާއިދު" މިއަދު ގެޒެޓްކޮށް، އެ ގަވާއިދަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.
މި އައު ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 1 އޮކްޓޫބަރު 2024 އިން ފެށިގެން އަމަލުކުރަމުން އައި "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2024/R-92) އާއި، އެ ގަވާއިދަށް 2025 ވަނަ އަހަރު ގެނައި އިސްލާހު މިހާރު ވަނީ އުވިގެން ގޮސްފައެވެ. ކުރީގެ ގަވާއިދު އެމްއެމްއޭގެ ގާނޫނުގެ ދަށުން އެކުލަވައިލާފައިވީ ނަމަވެސް، މިއަދު އަމަލުކުރަން ފެށި އައު ގަވާއިދު އެކުލަވައިލާފައިވަނީ އަލަށް ވުޖޫދުވި ބޭރު ފައިސާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 32/2024) ގެ ދަށުންނެވެ.
މި ގަވާއިދާއެކު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކުރުމުގެ ނިޒާމަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ކުރިން އޮތް ލައިސަންސް ޓިއާތައް އުވާލައި، ދޫކުރާނީ އެންމެ ލައިސަންސެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ލައިސަންސް ލިބޭ ފަރާތްތަކުން ވިޔަފާރި ހިންގުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އާންމުންނާއި ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ފަރާތްތަކަށް ވެސް ޚިދުމަތް ދެވޭ "ކެޓަގަރީ-އޭ" އަދި ހަމައެކަނި ވިޔަފާރިތަކަށް ހިދުމަތް ދިނުމަށް ޚާއްސަ "ކެޓަގަރީ-ބީ" އެވެ.
މީގެއިތުރުން، ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން، މީގެކުރިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ 100,000 އެމެރިކާ ޑޮލަރު، މިހާރު ވަނީ 200,000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. އަދި ވިޔަފާރި ހިންގާ އިތުރު ކޮންމެ ތަނަކަށް ބަހައްޓަންޖެހޭ ޑިޕޮސިޓްގެ އަދަދު ވެސް ވަނީ 50,000 ޑޮލަރުން 100,000 ޑޮލަރަށް ބޮޑުކޮށްފައެވެ.
މި ބަދަލުތަކާ އެކުވެސް، ކުރީގެ ގަވާއިދުގައި އޮތް ފަދައިން، ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނެ އަދަދަކީ 50،000 ދިވެހި ރުފިޔާ (ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާ) ކަމުގައި ކަނޑައަޅާފައިވާ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.




