ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ މީލާދީ މަހަކުވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން ބޭންކުތަކަށް މާރުކުރަންޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑި ހަމަވާއިރުވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަނުކުރާ ފަރާތްތަކުގެ ނަންތައް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން އާންމުކޮށް ހާމަކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އޯގަސްޓް މަހު ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މީގެއިތުރުން، ގެސްޓްހައުސްތަކުން ބޭރު ފައިސާ މާރުކުރަންޖެހޭނީ ކުރިންވެސް އޮތް އުސޫލުން، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން 5.6 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބުނުއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަދެފައިވަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރެވެ. ނަމަވެސް އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، ބޭންކުތަކަށް މާރުކޮށްފައިވަނީ އެ ފައިސާގެ އެންމެ 21 އިންސައްތައެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރަމުން ގޮސްފައިވަނީ ލިބޭ އާމްދަނީގެ އެންމެ 10 އިންސައްތަ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.





