ގާނޫނާ ހިލާފަށް އަދި އެކަށީގެންވާ ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލަތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މި ހަފުތާގެ އަންގާރަ ދުވަހު ރަސްމީކޮށް ފެށި މި އޮޕަރޭޝަނަކީ، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިގެން ކުރިއަށްގެންދާ ބަލައިފާސްކުރުމުގެ މަސައްކަތެކެވެ.
މި އޮޕަރޭޝަނުގެ ދަށުން، ގާނޫނާ ހިލާފަށް ބޭންކިންގ ޚިދުމަތް ދިނުމާއި ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގި ތަންތަނާއި މީހުން ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން، އަންގާރަ ދުވަހު އެކަނިވެސް ހަތަރު ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ވިޔަފާރި ކުރާ ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ޑޮލަރު މާރުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި، މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމުވެސް ފުލުހުން މިހާރު ވަނީ ޤާއިމުކޮށްފައެވެ. މިގޮތުން، މިފަދަ ގައިރުގާނޫނީ އަމަލުތަކުގެ މަޢުލޫމާތު ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ހިއްސާކުރުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
ފުލުހުން މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ބޭރުފައިސާއާ ބެހޭ ޤާނޫނަށް އަލަށް ގެނެވުނު އިސްލާހުތައް ތަންފީޒުކުރުމުގެ ގޮތުންނެވެ. އައު އިސްލާހުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމާއި، އެފަދައިން ފައިސާ މާރުކުރުމަށް އިސްތިހާރު ކުރުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށެކެވެ. އަދި ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނީ ހަމައެކަނި އެމްއެމްއޭގެ ސައްހަ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނިކަން ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.
މި އޮޕަރޭޝަނާއި އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމު ހަމަމަގަށް އަޅުވައި، ކަޅު ބާޒާރުގައި ހިންގާ ޑޮލަރުގެ ވިޔަފާރިތައް ހުއްޓުވުމެވެ. ފުލުހުންގެ މި މަސައްކަތުގެ ސަބަބުން، ހުއްދަނެތި ގާނޫނާ ހިލާފަށް ހިންގާ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.





