ކައިވެނީގެ ބޭރުން އަންހެނަކު ވިހެއި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ވިލިމާލެ ހޮސްޕިޓަލުން، ރޭ 21:07 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ މި ދިވެހި އަންހެންމީހާ ވަނީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމަށް ބުނެ، އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި އެކަން އަންގާފައެވެ. އެ މައުލޫމާތު ލިބުމާއެކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، ވިހެއި އަންހެންމީހާ އާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލިބެލުމުން، އެ އަންހެންމީހާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައެވެ. އަދި ހޮސްޕިޓަލުގައި އެ ކުއްޖާ ވިއްސި ނަމަވެސް، އުފަންވިއިރުވެސް އެ ކުއްޖާ ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި އުފަންވި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި، ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




