މާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ގޮސް ސެލޫނަކަށް ވަދެ، އަނިޔާވި 17 އަހަރުގެ އަންހެން ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:16 ހާއިރުއެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބްދަރިޔާ މަގު ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ. މިގޮތުން ދެ ސައިކަލު ޖެހި، އޭގެ ތެރެއިން އެއް ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް ވަނީ މަގުމަތީގައި ހުރި ސެލޫނެއްގެ ބިއްލޫރިގަނޑު ފަޅާލުމަށްފަހު އެތަނުގެ އެތެރެއަށް ވަދެފައެވެ.
މި އެކްސިޑެންޓުގައި، ކޮންޓްރޯލް ނުވެ ސެލޫން ތެރެއަށް ވަން ސައިކަލު ދުއްވަން އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި އެ ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، އެ ކުއްޖާއަށް ސީރިއަސް ބޮޑު އަނިޔާއެއް ލިބިފައި ނުވާތީ، ޑޮކްޓަރުން ބެއްލެވުމަށްފަހު ފަރުވާ ދީ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




