މަސްތުވާތަކެތިން ސައްތައިންސައްތަ ސަލާމަތްވެފައިވާ ފުރަތަމަ ރަށަކަށް ނ. ފޮއްދޫ ހެދުމަށްޓަކައި، ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމަށް އެ ރަށުގެ ކައުންސިލަށާއި ރައްޔިތުންނަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ގޮވާލައްވައިފިއެވެ.
ނ. ފޮއްދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްތަކަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްވެފައިވާ ރަށްތަކަކަށް ހެދުމަށް ފުލުހުން މިއަހަރު ހާއްސަ އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މުޖުތަމައެއްގެ ތެރެއިން ކުށް ނައްތާލެވޭނީ މުޅި މުޖުތަމައު އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި، ރައްޔިތުން އެ ވިސްނުމުގައި މަސައްކަތްކޮށްފިނަމަ ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
ރައްޔިތުންގެ އެއްބާރުލުމާއެކު 16 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވި މި މަރުކަޒަކީ، 26 ގަޑިއިރުގެ ތެރޭގައި ހުޅުވުނު ތިންވަނަ ފުލުހުންގެ މަރުކަޒުކަމަށާއި، މި މަޝްރޫއުގެ ދަށުން ހުޅުވުނު ދިހަވަނަ މަރުކަޒުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފުލުހުންގެ އިންޖިނިއަރުން ގުޅިގެން ހަރަދު ކުޑަކޮށް ކުރިއަށްގެންދާ މި މަޝްރޫއުތަކަށް ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހޭދަކުރަމުންދާ ކަމަށާއި، މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މަރުކަޒުތަކުގެ ދައުރަކީ ހަމައެކަނި ކުށްވެރިން ހައްޔަރުކުރުން ނޫން ކަމަށާއި، ކުށުގެ ވެށި ނެތް މުޖުތަމައެއްގެ ގޮތުގައި ރަށް ދެމެހެއްޓުމާއި ކާރިސާގެ ވަގުތުތަކުގައި ރައްޔިތުންނަށް އެހީތެރިވުން ފަދަ އިޖުތިމާއީ މަސައްކަތްތަކުގައި ފުލުހުން އިސްދައުރެއް އަދާކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.






