ޤައުމީ ފެންވަރުގައި ފެށި "އިޙްތިރާމް އަދާކުރުމުގެ ކެމްޕޭން" އާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި، އިޙްތިރާމްކުރުމާ ގުޅޭ ވަކި މޮޑިއުލެއް ހިމެނުމަށް ނިންމަވާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު މިއަދު އިޢުލާނުކުރައްވައިފިއެވެ. މިއީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ޚިދުމަތް ހަރުދަނާކުރެއްވުމުގެ މަޤްޞަދުގައި ނިންމެވި މުހިންމު ނިންމެވުމެކެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން ތަމްރީނުތަކުގެ ތެރެއިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިޙްތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމުގެ އިތުރުން، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ސިފަ ފުލުހުންގެ ކިބައިގައި އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. ހަމައެއާއެކު، ރައްޔިތުންނާ މުއާމަލާތުކުރުމުގައި އިހްތިރާމާއި އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމެވުމުގެ ދަށުން، ފުލުހުންގެ ތަމްރީނު މަރުކަޒުތަކުގެ މުޤައްރަރުތަކަށް އިސްލާހީ ބަދަލުތަކެއް ގެނެސް، އިޙްތިރާމްކުރުމާއި އަޚްލާޤީ މިންގަނޑުތަކާ ގުޅޭ ހާއްސަ ބައިތަކެއް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން، އޮޕަރޭޝަނަލް މައިދާނުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފުލުހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމަވާފައެވެ.
ފުލުހުންގެ ޚިދުމަތުގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިފައިވާ، އިންސާނީ ޙައްޤުތަކާއި ކަރާމާތަށް ނުހަނު ބޮޑަށް ޙުރުމަތްތެރިކޮށް ހިތާ މުއައްސަސާއަކަށް ވުމެވެ. އެހެންކަމުން، ކޮންމެ ފުލުހަކީވެސް ރައްޔިތުންނަށް އިޙްތިރާމާއެކު ހިތްހެޔޮކަމާއެކީ ޚިދުމަތްކުރާ ފަރާތަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
މި ކެމްޕޭނުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ގުޅުންތަކާއި، ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް، ފުލުހުންގެ މުއައްސަސާގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.





