ތަހުޒީބު އިންސާނީ ކޮންމެ ޖަމާއަތެއްގައިވެސް އެބައެއްގެ ގައުމީވަންތަކަން ދައްކުވައިދޭ އެންމެ ފާޅުކަން ބޮޑު ނިޝާނަކީ އެބަޔެއްގެ ހުންނަ އިހުތިރާމްކުރުމުގެ ސިފަކަން ފާހަގަކުރައްވައި، "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިރޭ އަޅުގަނޑުމެންގެ ނަފްސުތަކާ މި ހަވާލުކުރަނީ ވަރަށް ދަރުމަވަންތަ މަސްއޫލުއްޔަތެއް ކަމަށާއި، މީގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މޫރިތި ސަގާފަތާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ފުން އިންސާނީ ޚަޞީޞަތް އަލުން އިޔާދަކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫހަކީ އިހުތިރާމް ކުރުމާއި، އެކަކު އަނެކަކަށް ގަދަރުކުރުމެވެ. އެގޮތުން އެކަކު އަނެކަކުގެ ލެޔާއި، މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށާއި، އަޅުގަނޑުމެންގެ އާއިލާތަކުގައާއި، ރައްޓެހި ރަހުމަތްތެރިކަމުގައާއި އަދި މުޅި ޖަމާއަތުގައި އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރުން ދަމަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެކަކު އަނެކަކުގެ ކަރާމާތާއި ގަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާންޖެހޭ ކަމަށް ވިދާޅުވެ، ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި އަމަލާ ކައިރިނުވުމަށް އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އިހްތިރާމް ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް ކަމަށާއި، އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާއަށް ބޭނުންތެރި ކަމަށް ރައީސް ސިފަކުރެއްވިއެވެ. އޮފީސްތަކާއި މަދަރުސާތަކާއި ގެދޮރުގައި އިހުތިރާމް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި، ގައުމުގެ ސުލްހަ މަސަލަސްކަމަށާއި، ގައުމަށް ލިބިފައިވާ ރީތި ނަމާއި ގަދަރަށް އިހުތިރާމްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކާބަފައިންގެ ޝަރަފުވެރި، އަމާން، ރައްކާތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމަށްޓަކައި އަމިއްލަ ނަފުސަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް އެދިވަޑައިގަތެވެ.
"މިރޭ އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ އަޒުމަކީ މިއީ. އަޅުގަނޑުމެންގެ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކާތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ އަޒުމް. އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިސްލާހީ ބަދަލަކީ މިއީ. އިސްލާމްދީނުގެ މަތިވެރި ހަމަތަކާ ރީތި މިސާލުތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް އިސްލާހުކުރުމުގެ ބަދަލު. އެގޮތުން ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދުން،"
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުމަށް ގޮވާލެއްވިއެވެ. އަދި ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ގައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ގައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަހުރުވެރިވާ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުން އަމާޒުހިފާފައިވަނީ، އިސްލާމްދީނުގެ މަތިވެރި ހަމަތަކާއި ރީތި މިސާލުތަކާ އެއްގޮތަށް ދިވެހިންގެ އުޅުމާއި ގުޅުންތައް އިސްލާހުކޮށް، މުޅި މުޖުތަމައަކީ އެކަކު އަނެކަކަށް ގަދަރާއި އިހްތިރާމްކުރާ ތަހުޒީބީ މުޖުތަމައަކަށް ހެދުމަށެވެ. މީގެއިތުރުން ފުރައްސާރަކުރުމާއި ދޮގުހެދުން ފަދަ ނުރައްކާތެރި އާދަތައް މުޖުތަމައުން ނައްތާލުމަށް ގައުމީ ފެންވަރުގައި ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.




