އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ މަނާކުރުން، އެއްވެސް ޝަރުތަކާ ނުލައި ދާއިމީ ގޮތެއްގައި މަނާކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ރާއްޖެއިން ނިންމާފައކވާތީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އައު ބިލުގެ ދަށުން، ކޮންމެ ހާލަތެއްގައި ނަމަވެސް އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން މުޅިން މަނާވާނެ ކަމަށެވެ. މީގެކުރިން މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 7 އޮކްޓޯބަރު 2023 ގެ ފަހުން އިސްރާއީލުން ފެށި ޤަތުލުއާންމު ހުއްޓާލުމާ ގުޅުވައިގެން ކަމުގައި ވިޔަސް، އަލަށް ހުށަހެޅުނު ބިލުގައި އެ ޝަރުތު އުނިކޮށް، އެއީ ދާއިމީ ނިންމުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދަނީ ނަސްލުހޭދު ކުރުމުގެ (ޖެނޮސައިޑް) އަމަލުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައާއި ގާނޫނީ ދާއިރާތަކުން ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ރައްޔިތުންނާއި ކުންފުނިތަކަށް ރާއްޖޭގެ ރިއަލް އެސްޓޭޓްގެ ދާއިރާއިން އިންވެސްޓް ކުރުމާއި ބިންގަތުން މަނާކުރާ ބިލެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިކަން ތަންފީޒު ކުރުމަށްޓަކައި ހާއްސަ ސްކްރީނިންގ މަރުޙަލާތަކެއް ކުރިއަށް ގެންދެވޭނެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މަޖިލީހަށް ހުށަހެޅި އައު ބިލުން އެ މަނާކުރުން ދާއިމީ ވެގެންދާނެ ކަމަށެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ނަސްލުހޭދު ކުރުމުގެ އަމަލުތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިސްރާއީލުގެ ފަރާތްތަކަށް ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުން މަނާކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ. ދުނިޔޭގެ މަޝްހޫރު ނޫސްތަކުން ދަނީ މި ހަބަރު ފުޅާދާއިރާއެއްގައި ގެނެސްދެމުންނެވެ. މި ނިންމުމާ ގުޅިގެން އިސްރާއީލުގެ ޔެރޫސަލަމް ޕޯސްޓާއި ވައިނެޓްގެ އިތުރުން، ސީއެންއެން އަދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ފަދަ ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުގައި މި ހަބަރު ވަނީ ފުޅާ ދާއިރާއެއްގައި ގެނެސްދީފައެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ އިތުރުން ދުނިޔޭގެ މަޤްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އޮވެ، ދިވެހިރާއްޖެއިން މިފަދަ ހަރުދަނާ ފިޔަވަޅެއް އެޅުމަކީ ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސާބިތު އަދި ފަސްޖެހުމެއްނެތް އަޒުމް މުޅި ދުނިޔެއަށް ހާމަކޮށްދިން ކަމެކެވެ.



