ތިމާވެށީގެ ކާރިސާ އުފެއްދުމުގައި އެއްވެސް ދައުރެއް ނެތް ކުދި ޖަޒީރާ ގައުމުތަކުން، އެ ކާރިސާއިން އަރައިގަތުމަށްޓަކައި ބޮޑެތި ލޯނުތައް ނަގައިގެން ދަރަނިވެރިވާން ޖެހިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކޮޕް31 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ޒިންމާ އުފުލަން ޖެހޭނީ ޖައްވަށް ވިހަ ގޭސްތައް އެންމެ ގިނައިން ބޭރުކުރާ ތަރައްގީ ވެފައިވާ ގައުމުތަކުން ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކުން ފޯރުކޮށްދޭ މާލީ އެހީއަކީ އާ، އިތުރު، ޔަގީންކަން އޮތް އަދި ހިލޭ އެހީ (ގްރާންޓް) ކަމުގައި ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި "ގްރީން ކްލައިމެޓް ފަންޑް" އާއި "ލޮސް އެންޑް ޑެމޭޖް ފަންޑް" ފަދަ ނިޒާމުތަކުގެ ތެރެއިން ކުދި ގައުމުތަކަށް ދަތިކަމެއް ނެތި ހިލޭ އެހީ ލިބޭނެ މަގު ފަހިކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ދިވެހިރާއްޖެއަކީ ބޭރުގެ ދަރަނީގެ ބުރަ އުފުލަމުންދާ ގައުމަކަށް ވާއިރު، ރަށްގިރުން ހުއްޓުވުމަށާއި ބަނދަރުތައް ހެދުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ލޯނު ނަގައިގެން ތިމާވެށީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ހިލޭ އެހީ ހޯދުމަށް ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކާއެކު ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.


