ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އެރްދޮޣާނާއި ބައްދަލުކުރައްވައި، ކަނޑުފަޅުތައް ރައްކާތެރިކުރުމާއި ކުނި މަދުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. ކޮޕް31 ސަމިޓްގެ ހަވާސާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގައި އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ވެއެވެ.
މީގެ އިތުރުން، ތުރްކިޔޭގެ ފަސްޓް ލޭޑީ އިސްނަންގަވައިގެން ކުރިއަށްގެންދަވާ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ ހައި-ލެވެލް ބައްދަލުވުމުގައި މެޑަމް ސާޖިދާ ވަނީ ތަގުރީރު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ، ކަނޑުތަކަށް އަޅާ ޕްލާސްޓިކާއި ކުނީގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދާއި ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، ކުނި މަދުކުރުމަށް ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ކަނޑުފަޅުތަކުގެ ރީތިކަމާއި މުއްސަނދިކަމުގެ މައްޗަށް ކަމަށްވާއިރު، ޕްލާސްޓިކް ކުނި މަދުކުރުމަށް ރާއްޖެއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާ ކުރުމާއި، ރަށްރަށުގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.


