ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީގައި ކުރިއަށްދާ އދ. ގެ މޫސުމީ ބައްދަލުވުން (ކޮޕް31) ގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން، ތަރައްގީވެފައިވާ ގައުމުތަކުން މޫސުމީ މާލީ ޒިންމާތައް އަދާކުރުމަށާއި ބައިނަލްއަގްވާމީ މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގޮވާލައްވައިފިއެވެ.
ކޮޕް31 ގެ ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާއި މަންދޫބުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައިގަނޑު ތިން ކަމެއް ފާހަގަކުރައްވާފައެވެ. އެއީ މޫސުމީ މާލީ އެހީތެރިކަމާއި، މާލީ އޮނިގަނޑު އިސްލާހުކުރުމާއި، މޫސުމީ ވައުދުތައް ތަންފީޒުކުރުމެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން މޫސުމީ ނުރައްކާތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ބަދަލުވަމުންދާ ހާލަތްތަކަށް އަހުލުވެރިވުމަށް އަޒުމުކަނޑައިގެން ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތުރުކީން ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވަމުން ރައީސް މުޢިއްޒު ވަނީ، ކާމިޔާބު ކޮންފަރެންސަކަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައިނަލްއަގްވާމީ މޫސުމީ މަސައްކަތްތައް ކުރިއެރުވުމުގައި ބްރެޒިލުން ދައްކަމުންދާ ލީޑަޝިޕަށްވެސް އެމަނިކުފާނު ތައުރީފުކުރެއްވިއެވެ.
މޫސުމީ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުން މާލީ ޒިންމާތައް ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ. އަދި ދެވޭ އެހީއަކީ ދަރަންޏެއްގެ ގޮތުގައި ދެވޭ ލޯނަކަށް ވުމުގެ ބަދަލުގައި، އައު، އިތުރު އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑާއި، އެޑެޕްޓޭޝަން ފަންޑު އަދި ލޮސް އެންޑް ޑެމޭޖް ފަންޑަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.




