ކަނޑަށް އުކާލެވޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، ކުނި އުފައްދާ މުދާ ތައްޔާރުކުރާ ފަރާތްތަކުގެ ޒިންމާ ބޮޑުކުރުމަށާއި (ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ) ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މިކަމަށް ގޮވާލެއްވީ، ކޮޕް 31 ގެ ހަވާސާގައި ބޭއްވުނު "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ތުރުކީގެ ފަސްޓް ލޭޑީ އެމިން އަރްދޮގާންގެ ދައުވަތަކަށް، ދުނިޔޭގެ ވެރިންގެ އަނބިއަނބިކަނބަލުންގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ރާއްޖޭގެ ނާޒުކު ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށް އަދި ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އުކާލެވޭ ކުނި އެއީ އެއްކޮށް ނެތިގެންދާ އެއްޗެއް ނޫންކަން ފާހަގަކުރައްވައި، ތަގައްޔަރުކަމުގެ އަސަރު ކަނޑުގެ ތިމާވެއްޓަށް ކޮށް، ކާބޯތަކެތީގެ ޗޭނުގެ ތެރެއަށް ވާސިލުވުމަކީ މުޅި އީކޯސިސްޓަމަށާއި އިންސާނުންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ތުރުކީގެ ފަސްޓް ލޭޑީ އެމިން އަރްދޮގާން އިސްނަންގަވައިގެން ކުރިއަށްގެންދަވާ "ޒީރޯ ވޭސްޓް މޫވްމަންޓް" އަށް ތައުރީފުކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ އަމާޒުތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ އޮގަސްޓް މަހު ތަސްދީގުކުރެއްވި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. މި އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރެވި، ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެކަން ބަޔާންކުރެއްވިއެވެ.
އާއިލާތަކާއި، ސުކޫލުތަކާއި އަދި އާންމު މުޖުތަމައު ގުޅިގެން ކުނި އުކާލުމުގެ އާދަކާދައަށް ބަދަލުގެނައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، މެޑަމް ސާޖިދާ ވިދާޅުވީ ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމުގައި ކުޑަކުދިންގެ ދައުރު ބޮޑުކަމަށެވެ. ތިމާވެށި ރައްކާތެރިކުރުމުގެ ބަދަލުތައް ފެށެނީ ގޭތެރެއިން ކަމަށާއި، ސުކޫލުތަކުގެ ތެރެއިން ކުރިއަރައި މުޖުތަމައުގެ ތެރޭގައި އެކަން އަށަގަންނަ ކަމަށް ވިދާޅުވިއެވެ.
ކަނޑުގެ ނާޒުކު އީކޯސިސްޓަމާއި ރަށްތަކުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމާއި، ކުނީގެ މައްސަލައިގައި އެންމެންގެ ހިއްސާއާއި ޒިންމާ އުފުލުމަކީ ރާއްޖެއިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމުން ހާމަވެގެންދެއެވެ.




